އެއްފަސްކުރުމުގައި މާމިގިއްޔަކީ ލާމަސީލު ރަށެއް: ރައީސް

އަވަސް

6 އޮކްޓޯބަރު 2025 | ހޯމަ | 11:00

އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި އދ. މާމިގިއްޔަކީ ލާމަސީލު ކާމީޔާބީއެއް ހޯދާފައިވާ އަދި އެރޮނގުން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން އޮތް ރަށެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާމިގިލި ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން، ދެމެހެއްޓެނިވި ތަރައްގީއަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މާމިގިލީގެ ތަރައްގީއަށްޓަކައި ކުރަމުންދާ އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު ރައީސް ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް މާމިގިލީގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވި އެވެ. މި މަޝްރޫއުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތްތައްވެސް ދާދި އަވަހަށް ފަށައި، ނިންމާލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. މާމިގިއްޔަކީ ތަރައްގީގެ ނާރެހެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް، ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމުތައް މި މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެކަން އިއުލާންކުރައްވާފަ އެވެ. އަދި ރަށުގެ ކުނި މެނޭޖުކުރުމުގެ ކަންކަން ވެމްކޯއާއި ހަވާލުކޮށްފައިވާ ކަމަށާ މިއަހަރުގެ ތެރޭގައި އެކަންވެސް ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން މާމިގިލީގައި ޕަބްލިކް ވާކްސް ޔުނިޓެއް ގާއިމުކުރެވި، ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިކުރެވިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. މިބައްދަލުކުރެއްވުމުގައި ވަނީ މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ އިތުރު މަޝްރޫއެއްގެ ގޮތުގައި މާމިގިލީ ސްކޫލު ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކުރައްވައި ރައީސް ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ މަސައްކަތްތައް ނިމޭނެކަމުގައި ވިދާޅުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ މާމިގިލީގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މައުޟޫޢުތަށް