ރެއާލް އެކަނިވެރިކޮށް، ބާސާ ސުޕަ ލީގުން ވަކިވަނީ

އަވަސް

8 އޮކްޓޯބަރު 2025 | ބުދަ | 11:00

ޔޫރަޕުގެ އެންމެ ވަރުގަދަ ފުޓްބޯޅަ ކުލަބުތައް ބައިވެރިވެގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ވަކިވާން އުޅޭ ކަމަށް އެ ގައުމުގެ ނޫސްތަކުން މަޢުލޫމާތު ދީފިއެވެ.

މި ނިންމުމާއެކު ސުޕަ ލީގުގައި ދެމިހުރި ހަމައެކަނި ސްޕެއިންގެ ކުލަބަކަށް ވާނީ ރެއާލް މެޑްރިޑެވެ. ޔޫރަޕުގެ އެންމެ ނަން މަޝްހޫރު 12 ކުލަބު އެއްވެގެން 2021 ވަނަ އަހަރު އުފެއްދި ސުޕަ ލީގަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ވަރަށް ބޮޑަށް ދެކޮޅު މުބާރާތެކެވެ. ސުޕަ ލީގު އުފެއްދި ކުލަބުތަކުގެ މަގުސަދަކީ ޔޫއޭފާގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ކޮންފަރެންސް ލީގުގެ ބަދަލުގައި އައު ލީގެއްގައި މުބާރާތްތައް ކުޅުމެވެ. ނަމަވެސް ޔޫއޭފާގެ ހަރުކަށި ދެކޮޅު ހެދުންތަކާ ހެދި ސުޕަ ލީގުގެ ގިނަ ބައިވެރިން ވަނީ މި މުބާރާތުން މިހާރު ވަކިވެފަ އެވެ. މިހާތަނަށް ސުޕަ ލީގާއެކު ކުރިއަށް ދިއުމަށް ތާއީދުކުރަމުން އައި މަދު ކުލަބުތަކުގެ ތެރޭގައި ހިމެނުނު ބާސެލޯނާ ވެސް މިހާރު މިވަނީ ސުޕާ ލީގުން ވަކިވާން ނިންމާފަ އެވެ. ބާސެލޯނާއިން މިފަދަ ނިންމުމެއް ނިންމަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޔޫއޭފާއާއެކު ގުޅުން ރަނގަޅުކުރުން ހިމެނެއެވެ. އަދި ޔޫއޭފާއިން ޗެމްޕިއަންސް ލީގަށް ގެނެސްފައިވާ އައު ބަދަލުތަކާ ގުޅިގެން ކުލަބުތަކަށް ލިބޭ އާމްދަނީ އިތުރުވެފައި ވުމަކީވެސް ބާސެލޯނާގެ މި ނިންމުމަށް މަގުފަހިކޮށްދިން ކަމެއް ކަމަށް ބެލެވެ އެވެ. މި ބަދަލާ ގުޅިގެން ސުޕަ ލީގުގައި ދެމިތިބި ކުލަބުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ އެވެ. މިހާރު ސުޕަ ލީގުގައި ދެމިތިބޭނީ ހަމައެކަނި ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް އެވެ.

މައުޟޫޢުތަށް