ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތު ނެގުން މާދަމާ
އަވަސް
7 އޮކްޓޯބަރު 2025 | އަންގާރަ | 6:54
ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބި ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތު ނެގުން މާދަމާ ބާއްވަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށްވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ގުރުއަތު ގެނުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:00 އިން ފެށިގެން ހައުސިން މިނިސްޓްރީގަ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ. އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އިން 2،000 ފްލެޓް އަދި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން 2،000 ފްލެޓް ހަދާނެ އެވެ. ކޭޕީއައިއެލްގެ ފްލެޓްތަކަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އެންބީސީސީގެ ފްލެޓްތަކަށް ކިޔަނީ "އަމާން ދޯދި" އެވެ. ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.