ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓް ލިބޭ ގޮތް ހަދައިފި

އަވަސް

7 އޮކްޓޯބަރު 2025 | އަންގާރަ | 10:15

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދު ފުއްދަވައިފި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ދިނުމުގެ ވައުދު ފުދިގެން ދިޔައީ އދ. އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް މިއަދު ފެށުމާ ގުޅިގެންނެވެ. މަހިބަދޫގައި ޕާސްޕޯޓު ހިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. ދިވެހި ރައްޔިތުންނަށް އައިޑީ ކާޑު ދޫކުރަން ފެށިތާ މިހާރު 41 އަހަރު ވެއްޖެ އެވެ. ބޭރަށް ދަތުރުކުރާ ލިޔުމެއް ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ރަސްމީކޮށް ދޫކުރި ކަމަށް ވަނީ 1950ގެ އަހަރު ތަކުގަ އެވެ. ޕާސްޕޯޓުގެ ދޫކުރުމުގެ ހިދުމަތް ފުރަތަމަ ފަހަރަށް އޮންލައިކޮށް ދޭން ފެށީ 2020 ވަނަ އަހަރު އެވެ. އައިޑީ ކާޑު ހެދުމުގެ ހިދުމަތް އޮންލައިންކޮށް އެންމެ ފުރަތަމަ ދޭން ފެށީ 2021 ވަނަ އަހަރުއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. "އަޅުގަނޑު ވައުދުވީ ގޮތަށް މި އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި، ޕާސްޕޯޓް ލިބިގެންދާނެ. ހުރިހާ އަތޮޅަކުން. އަދި މާލޭގައި، މާލޭސިޓީގައި، ވިލިމާލެއާއި ހުޅުމާލެ، ހުޅުމާލެ ފޭސް 1، ފޭސް 2ގައިވެސް، މާލެ ނައިސް ލިބޭ ގޮތް ހަދައިދޭނަން ވަރަށް އަވަހަށް،" ރައީސް ވިދާޅުވި އެވެ. ދިވެހިން ދިރިއުޅޭ ގައުމުތަކުގެ ތެރެއިން މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

މައުޟޫޢުތަށް