ދިރާސީ އަހަރު ފަށާއިރު ކްލާސްތައް ހުންނާނީ އޭސީކުރެވިފައި: ރައީސް
އަވަސް
7 އޮކްޓޯބަރު 2025 | އަންގާރަ | 11:35
އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ކްލާސްރޫމުތަކާއި ސްޓާފްރޫމްތައް ހުންނާނީ އޭސީކޮށް ނިމިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް އޮތީ ތައުލީމީ ދާއިރާއަށް ކަމަށެވެ. އެހެންވެ ތައުލީމީ ދާއިރާއާ ގުޅުންހުރި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު ތައުލީމީ ދާއިރާއާ ގުޅުންހުރި ބައެއް މަޝްރޫއުތައް ހުއްޓިފައިވާތީ އެފަދަ މަޝްރޫއުތައްވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިސަރުކާރުން މުޅިން އަލަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑު ވައުދުވެފައިވާނެ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ ސްކޫލުތަކެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އެކަން އެދަނީ އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅަށް ކުރަމުން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސްކޫލުތަކުގެ ހޯލްތައް އޭސީ ކުރުމުގެ މަޝްރޫއެއްވެސް ދެވަނަ ފިޔަވަހީގެ ގޮތުގައި ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ. ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ފެށީ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ނަމުގައި އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ސަރުކާރުގެ ސްކޫލުތައް އޭސީ ކުރަނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ބައެއް ސްކޫލުތަކުގައި ސޯލާ ޕެނަލްވެސް ހަރުކޮށްގެންނެވެ.