ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މަހާޒަށް ރުހުމެއް ނުދިން

އަވަސް

8 އޮކްޓޯބަރު 2025 | ބުދަ | 1:36

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ނުފެންނަ ކަމަށް ފާސްކޮށްފި އެވެ.

މަހާޒަކީ ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީއާ އެކު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރެއްވި ބޭފުޅެކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީގެ އިންޓަވިއުގައި އެންމެ މަތިން މާކްސްވެސް ހޯއްދެވީ މަހާޒް އެވެ. އެގޮތުން އޭނާ 97 ޕަސަންޓް މާކްސް ހޯއްދެވި އެވެ. އެކަމަކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް މަހާޒް އައްޔަންކުރަން ރުހުން ދޭން ނުފެންނަ ކަމަށް 41 މެންބަރުން ވޯޓު ދެއްވި އެވެ. މަހާޒްއަށް ރުހުން ދޭން ފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މެންބަރުކަމުގެ މަގާމަށް މަޖިލީހުން މިއަދު ރުހުން ދީފައިވަނީ ބ. ތުޅާދޫ، ގުލްބަހާރުގެ، އިބްރާހީމް އަފީފާއި، ދ. މީދޫ އަކިރިވިލާ، ޝަވްފާ އިބްރާހީމަށެވެ. އަފީފަކީ ކުރިންވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

މައުޟޫޢުތަށް