އައްޑޫ ކައުންސިލް ބަދަލުކުރުމާ ބެހޭ ވޯޓު މިމަހު 25ގައި

އަވަސް

8 އޮކްޓޯބަރު 2025 | ބުދަ | 2:26

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ދެނެގަތުމުގެ ގޮތުން ނަގާ އާންމު ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ގެނައުމުގެ އިއުލާނާ އެކު އާންމުކޮށްފައިވާ ރައީސްގެ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލުތަކާ މެދު ހުޅުދު އާއި މީދު އާއި ފޭދޫ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ބާއްވާ ހިޔާލު ހޯދުމުގެ ވޯޓު ނެގުން ކުރިއަށް ދާނީ މިމަހުގެ 25ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެެވެ. ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނާނެ ކަމަށާއި އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށްވެސް އީސީން ބުންޏެެވެ. މި ވޯޓުގައި ވަކި ނަތީޖާއެއް ނެރުމަށް ސަރުކާރުގެ ވަކި "ސްޓޭންޑެއް" ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާ ބެހޭ ގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އާންމު ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށާއި، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި، އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެ އެވެ.

މައުޟޫޢުތަށް