ބައްސާމު ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އަވަސް

8 އޮކްޓޯބަރު 2025 | ބުދަ | 2:56

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއެއް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބައްސާމުގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާ އުފުލީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޖަމާކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށްފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ބައްސާމްގެ އެކައުންޓަށް އެފްއޭއެމްގެ ފައިސާ ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ. ބައްސާމުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ލިބޭ އެލަވަންސް ފައިސާ ކަމަށް ބައްސާމު ބުނި ނަމަވެސް އެ ފައިސާ ޖަމާވުމުގެ ކުރިން އެލަވަންސްގެ ފައިސާ ބައްސާމަށް ޖަމާވެފައި ހުރި އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ ބައްސާމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އަދަބާ ބެހޭ ގޮތުން ވާހަކަދައްކަން ދިން ފުރުސަތުގައި ބައްސާމު ވަނީ އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. ބައްސާމުގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށް ދައުލަތުން އެދުނެވެ. ދައުލަތުން އެގޮތަށް އެދުނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ބައްސާމު ހިޔާނާތުގެ އަމަލުތައް ހިންގާފައިވާތީ އެވެ. އެހެންވެ ދައުލަތުން އެދުނު ގޮތަށް ގާޒީ ނިންމެވީ ބައްސާމު ހަތަރު އަހަރަށް ޖަލަށްލުމަށެވެ. ބައްސާމުގެ މައްޗަށް މިއަދު ހުކުމް ކުރި މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާއެއްވެސް ދައުލަތުން އޮތީ އުފުލާފަ އެވެ. އެކަމަކު މަނީ ލޯންޑްރިންގެ މައްސަލައިގައި ބައްސާމުގެ މައްޗަށް މިއަދު ހުކުމްކޮށްފައެއް ނުވެ އެވެ. ބައްސާމުގެ މައްޗަށް ދައުލަތުން އިތުރު ދައުވާތަކެއްވެސް އުފުލާފައިވެ އެވެ.

މައުޟޫޢުތަށް