ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް
އަވަސް
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:48
ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް ދިޔަ ނަމަވެސް ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ 68.9 ޕަސެންޓްގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 73.9 ޕަސެންޓްގަ އެވެ. ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހުރީ 34.2 ޕަސެންޓްގައި ނަމަވެސް އެ އަދަދު މި އަހަރުގެ މި މުއްދަތުގައި ވަނީ 40.9 ޕަސެންޓަށް އިތުރުވެފަ އެވެ. ހޮޓާތަކުގެ އޮކިއުޕެންސީ 27.1 ޕަސެންޓުން 34.1 ޕަސެންޓަށް އިތުރުވި ނަމަވެސް ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ވަނީ 25.4 ޕަސެންޓުން 22.5 ޕަސެންޓަށް ދަށްވެފަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޮގަސްޓްގެ ނިޔަލަށް ރާއްޖޭގައި 175 ރިސޯޓާއި 843 ގެސްޓްހައުސް އާއި 16 ހޮޓާގެ އިތުރުން 158 ސަފާރީ އުޅަނދު، ޓޫރިޒަމްގެ ބޭނުމަށް ދިޔައީ ބޭނުންކުރަމުންނެވެ. މި މުއްދަތުގައި ރިސޯޓްތަކުގައި ހުރީ 43،589 އެނދެވެ. ގެސްޓްހައުސްތަކުގައި 14،372 އެނދު ހުރިއިރު ހޮޓާތަކުގައި 2،230 އެނދު އަދި ސަފާރީ އުޅަނދުތަކުގައި 3،159 އެނދު ހުއްޓެވެ.