މީހަކު ރަހީނުކޮށް ބިރު ދައްކައިގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

އަވަސް

9 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:54

މީހަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށްގެން އެ މީހާއަށް ބިރު ދައްކައިގެން ފައިސާތަކެއް ހޯދި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާގެ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ހުޅުމާލެއިން ނެވެ. މިމައްސަލައާ ގުޅިގެން އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަހުމީން ރަޝީދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު މުޙައްމަދު ޟަމީރުއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.

މައުޟޫޢުތަށް