މުއައްސަސާތަކުގެ މުސްތަގިއްލުކަން ވަނީ ގެއްލުވާލާފައި: ސޯލިހް

އަވަސް

10 އޮކްޓޯބަރު 2025 | ހުކުރު | 9:06

އެމްޑީޕީ ސަރުކާރުގެ ވަޒީރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ހާޒިރުކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން ކަމަށްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭސީސީގެ ތަހުގީގަށް ހާޒިރުވާން އެންގުމުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މި ވަގުތު މި ހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަންކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ މާޒީގައި މިކަން ހިނގައިދިޔަ ގޮތް އެނގޭ ކަމަށެވެ. އަދި އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ގައުމު ކިލަނބުވާނެ މިފަދަ ކަންކަމުން ދުރުވެ އިންސާފާއި ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.

މައުޟޫޢުތަށް