ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް: ރައީސް

އަވަސް

10 އޮކްޓޯބަރު 2025 | ހުކުރު | 4:36

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި މިއަހަރުގެ ޝިއާރު ކަމަށްވާ "އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިއާރުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ. އެގޮތުން ރައީސް ވިދާޅުވީ ދެމިގެންދާ އިންސާނީ ކާރިސާތަކާއި އެފަދަ ހާލަތްތަކުގައި ދިރިއުޅުން ވޭތުކުރަމުންދާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ. އެކަމާމެދު ހިތާމަފާޅުކުރައްވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަކީ އެފަދަ ހާލަތެއްގެ މިސާލު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވަނީ ހަމައެކަނި މާއްދީ ގެއްލުން ނޫން ކަމަށާއި، އަންދާޒާ ނުކުރެވޭ ވަރުގެ ނަފްސާނީ ގެެއްލުން އެފަރާތްތަކުން ތަހައްމަލް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގުގެ މައިގަނޑު އަސާސެއް ކަމަށާއި އަދި އެއީ ވިލުންތެރި އިންސާނީ، އާއިލާތަކާއި، މުޖުތަމައުތައް ބިނާކުރުމުގެ ބިންގާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ސިޔާސަތުތަކާއި، ރޭވުންތަކާއި، ބަޖެޓުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްޕުޅު ކުރައްވާނޭ ކަމުގެ ޔަގީންކަން ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން މެންޓަލް ހެލްތު ގާނޫނުގެ ދަށުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، އަމިއްލައަށް މަރުވުންފަދަ ކަންކަން ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ނަފްސާނީ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން ޓެލެ-މެންޓަލް ހެލްތު ކުރިއަށް ގެންދިޔުމާއި، ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ހިދުމަތް އިމަޖެންސީ ރެސްޕޮންސް ނިޒާމުގެ ތެރެއަށް ފުޅާކުރުން ހިމެނޭކަން ފާހަގަކުރެއްވި އެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓް މެދުވެރިކުރައްވައި، މޫސުމީ، ސިއްހީ އަދި އިންސާނީ ކާރިސާތަކުގައި އަމަލުކުރާ އިމަޖެންސީ ރެސްޕޮންސްތަކުގައި ނަފްސާނީ ފަރުވާވެސް ހިމެނުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ދިވެހިންގެ ވިލުންތެރިކަމާއި، އުއްމީދާއި، ހިތްވަރު އިތުރަށް ވަރުގަދަކުރުމުގައި ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ ބައިވެރިންނާއެކު ސަރުކާރުން ގުޅިގެން މަސައްކަތް ކުރަމުންދާނޭ ކަމުގެ ޔަގީކަންވެސް ދެއްވާފައިވެ އެވެ. ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ނަފްސާނީ މައްސަލަތަކުގައި ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި އެކަމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށެވެ.

މައުޟޫޢުތަށް