މާފަންނު ބޮޑުގެ ވަގުތީ މިސްކިތް މިމަހު 17ގައި ބަންދުކުރަނީ

އަވަސް

10 އޮކްޓޯބަރު 2025 | ހުކުރު | 5:04

މާފަންނު ބޮޑުގެ މިސްކިތް ހުރި ތަނުގައި ދާއިމީ މިސްކިތެއް އެޅުމަށްޓަކައި އެ ތަނުގައި މިހާރު ހުރި ވަގުތީ މިސްކިތް މިމަހުގެ 17 ވަނަ ދުވަހު ބަންދުކުރުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަގުތީ މިސްކިތް ބަންދުކުރާނީ އޮކްޓޫބަރު 17ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ކަމަށެވެ. އެއަށްފަހު ކުރިއަށް އޮތް ނޮވެމްބަރު ހަތަރުވަނަ ދުވަހު އެތަނުގައި އަޅާ ދާއިމީ މިސްކިތުގެ ބިންގާ އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ. މާފަންނު ބޮޑުގެ މިސްކިތް އަޅަނީ ވިޔަފާރިވެރިންތަކަކާ އިސްލާމިކް މިނިސްޓްރީ ގުޅިގެންނެވެ. ޝަހީމް ކުރިން ވިދާޅުވީ ތިން ބުރިއަށް މި މިސްކިތް އަޅާނީ ޤުރުއާނުގެ އިލްމު އުނގަންނައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީވެސް ހިމަނައިގެން ކަމަށެވެ. މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫއެއް ނިމި އަންނަ އަހަރުގެ ރަމަޟާން މަހުގައި ބޭނުންކުރަން ފެށޭނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. ނިމިގެން ދިޔަ 2024 ވަނަ އަހަރު މުޅިން އަލަށް ތިން މިސްކިތެއް ހުޅުވިއިރު މީގެތެރެއިން ދެ މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ވަނީ އިތުރު 9 މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކަށް ހުއްދަ ދީފަ އެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ބިނާ ކުރާ ފަސް މިސްކިތާއި އަތޮޅުތަކުގައި ބިނާކުރާ 4 މިސްކިތެވެ

މައުޟޫޢުތަށް