ކުރީގެ ވަޒީރުން އޭސީސީއަށް ހާޒިރުކުރަނީ އެއްވުމަށް ހުރަސްއަޅަން: އެމްޑީޕީ

އަވަސް

10 އޮކްޓޯބަރު 2025 | ހުކުރު | 7:32

އެމްޑީޕީ ސަރުކާރުގެ ވަޒީރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ ނޮވެމްބަރު 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީން މިހެން ބުނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭސީސީއަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވުމުން ނެރުނު ބަޔާނެއްގަ އެވެ. އެ ބޭފުޅުންގެ މައްޗަށް އޭސީސީން ކުރަނީ ދޮގު ތުހުމަތުތަކެއްކަން އެ މައްސަލައިގެ ޒާތުން އެނގޭ ކަމަށާއި މިއީ އެ ބޭފުޅުން އޭރު ހިމެނިވަޑައިގެންނެވި ކޮމިޓީއަކުން ދީފައިވާ ލަފައަކާ ގުޅޭ މައްސަލައެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. "އޭސީސީ ތަހުގީގު ކުރަމުންދާ ކަމަށް އަންގައިފައިވާ މައްސަލައަކީ، އޭގެ ކުރީގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކޮށްފައިވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދައުވާތަކެއްގެ މައްސަލައެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެމްޑީޕީގެ ބަޔާނުގައި ބުނީ ބަދަލު ދިނުމުގެ ނަމުގައި އޭސީސީން ތުހުމަތުކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުންދަނީ ނޮވެމްބަރު 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް ޕާޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މައުޟޫޢުތަށް