އައްޑޫގެ ވަކިވަކި ރަށްތަކުގައި ކައުންސިލްތައް ހެދުމަށް އަޒާން ދެކޮޅު
އަވަސް
11 އޮކްޓޯބަރު 2025 | ހޮނިހިރު | 10:20
އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށްފަހު އައްޑޫގެ ވަކިވަކި ރަށްތަކުގައި ކައުންސިލްތައް ހެދުމަށް ވޯޓު ނުދިނުމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެދިވަޑައިގެންފި އެވެ.
އަޒާން މިކަމަށް އެދިވަޑައިގެންފައި މިވަނީ އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25ގައި ފެންނަ ނުފެންނަ ވޯޓެއް އައްޑޫ ރައްޔިތުންގެ މެދުގައި ނެގުމަށް ހަމަޖެހިފައި ވަނިކޮށެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ. ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީ މީހުންނަށް އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ، މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުން ކަމަށެވެ. އަޒާން ވިދާޅުވީ އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދައި، މިހާރު މި އޮތް އައްޑޫ ސިޓީ ކައުންސިލުން ރޫޅާލުމަކީ، އައްޑޫ ރައްޔިތުންނަށް މިހާރު އޮތް ބާރުވެރިކަން އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެއް ކަމަށެވެ. ޒަމާނުއްސުރެ އައްޑޫގައި ވެރިކަން ކުރަނީ ހިތަދޫގައި ކަމަށްވެފައި އިދާރީ އިންތިޒާމުތައް ގާއިމުވެފައި ހުރި ގޮތުން އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދަތިތަކާއި ކަންބޮޑުވުންތަކާއި ކުރިމަތިވެފައި އޮތުމަކީ ހަގީގަތެއް ކަމަށް އަޒާން ގަބޫލުކުރައްވަ އެވެ. ނަމަވެސް އެ ކަންކަމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެ، ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ރޭވިފައި ހުރި ގޮތްތަކަށް ބަދަލުތައް ގެނެސްގެން ހައްލު ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް އަޒާން ވިދާޅުވި އެވެ. އެހެންވެ އަޒާން ވަނީ މި މަހު 25 ގައި ނަގާ ވޯޓުގައި ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުން އައްޑޫގައި ވަކި ކައުންސިލްތައް ހަދަން ނުފެންނަ ކަމަށް ވޯޓު ދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.