ފްލެޓްތައް ކުއްޔަށް ދީފައިވޭތޯ ބަލަން ފަށަނީ
އަވަސް
11 އޮކްޓޯބަރު 2025 | ހޮނިހިރު | 9:00
ސޯޝަލް ހައުސިންގެ ގޮތުގައި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތައް އެއްވެސް ބަޔަކު ކުއްޔަށް ދީފައިވޭތޯ ޔަގީންކުރުމަށްޓަކައި ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.
ސަރުކާރުން މިމަސައްކަތް ފެށުމަށް ނިންމާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމް ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފްލެޓް ލިބުނު ބައެއް މީހުން އެ ފްލެޓްތައް ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަން ފެށުމުންނެވެ. އިޝްތިހާރު ކޮށްފައި ހުރީ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާ އަށެވެ. އެކަމަކު ތިން ކޮޓަރީގެ ފްލެޓުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 11،500 ރުފިޔާ އެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއް ކޮށްގެން އަދި ސަބްސިޑައިޒް ކޮށްފައިވާ އަގުތަކެއްގައި އާންމުންނަށް ދޫކޮށްފައިވާ ފްލެޓްތަކެއް ކަމަށެވެ. އެހެންވެ އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން އަސްލު ހަވާލުކުރެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. "އެހެންކަމުން އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދީފައިވާ ފަރާތް ނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ،" މުއްތަލިބް ވިދާޅުވި އެވެ. މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދިނުން އާންމު ކަމަކަށް ވެފައިވާއިރު ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދިނުމަކީ އެއްބަސްވުމުގައި މަނާކޮށްފައި އޮންނަ ކަމެކެވެ.