ޤުރުއާން މުބާރާތުގެ ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް
އަވަސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 12:22
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހްމަދު ޝައިމް ރިޟާއަށް ލިބިއްޖެ އެވެ.
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހާސިލްކޮށްފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރު އެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސިލްކޮށްފައިވަނީ މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާ އެވެ.
މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވޭ އަހަރެވެ. އެގޮތުން މިފަހުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދޭ އުމްރާ ދަތުރެކެވެ.