ފްލެޓް ކުއްޔަށް ދިނުން ހުއްޓުވަނީ
އަވަސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 5:22
ކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށްގެން، ގެދޮރުވެރިޔާ ސްކީމް ފްލެޓްތައް ކުއްޔަށް ދޫކުރާ މައްސަލަ ހައްލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބައެއް މީހުންނަށް ފްލެޓް ލިބުމުން އެހެން މީހުންނަށް އެ ތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދަމުންދާ ކަމަށާއި އަދި ބައެއް ފްލެޓްތަކުގައި ލޭބާ ކުއާޓަޒް ހަދާފައިވާ ކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. "ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފްލެޓްތަކަކީ ބޯހިޔާވަހިކަމެއް ކޮންމެހެން ބޭނުންވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމުގެ ގޮތުން ދޫކުރާ ފްލެޓް. މި ތަންތަނަކީ އެއްގޮތަކަށްވެސް ބޮޑެތި އަގުތަކުގައި ކުއްޔަށް ދޭން ހަދާފައި ހުރި ތަންތަނެއް،" މުއްތަލިބް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓް ކުއްޔަށް ދޫކުރާ މައްސަލަ ސަރުކާރުން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ހައްލުކުރެވޭނީ ގާނޫނުތައް އިސްލާހު ކޮށްގެން ކަމަށްވާތީ އެކަން ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. "20،000 ރުފިޔާ، 25،000 ރުފިޔާއަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫނޭ މިއީ. ހަގީގަތުގައި މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމެއް،" އޭނާ ވިދާޅުވި އެވެ. މުއްތަލިބް ވަނީ ސޯޝަލް ހައުސިން އަކީ ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯން ނަގައިގެން ހެދުމަށްފަހު ސަރުކާރުން ފްލެޓްގެ އަގު ސަބްސިޑައިޒް ކޮށްގެން ދީފައި ހުންނަ ތަންތަން ކަމަށެވެ. އެހެންވެ ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓްތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.