ފުރައްސާރަކޮށްގެން ފަހަތަށް ނުޖެއްސޭނެ: ފައްޔާޒު

އަވަސް

12 އޮކްޓޯބަރު 2025 | އާދިއްތަ | 10:00

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް ފުރައްސާރަކޮށްގެން ފަހަތަށް ނުޖެއްސޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓެއް ކަމަށްވާ އައިޝަތު ޝިމަން އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ހިފެހެއްޓި ފަހުން އެ ފޯނުތަކުން ބައެއް ފޮޓޯއާއި ބައެއް ވީޑިއޯ ސޯޝަލް މީޑިއާއަށް އާންމުވެފައި ވަނިކޮށެވެ. ޝިމަން އާއި ޒާޔާގެ ފޯނުގައި ހުރި ފޮޓޯއާއި ވީޑިއޯ ލީކްކޮށްލީ ފުލުހުން ކަމަށް އެމްޑީޕީން ތުހުމަތު ކުރި ނަމަވެސް އެ ވާހަކަތައް ފުލުހުން ދޮގުކުރެ އެވެ. މިމައްސަލައިގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ފޮޓޯއާއި ވީޑިއޯ ލީކް ކުރުމަކީ ހުތުރު އަމަލެއް ކަމަށްވާތީ އެކަމުގެ ލައްގަނޑު ސަރުކާރުގައި ނުޖެހި ނުދާނެ ކަމަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް އަބަދުވެސް ފުރައްސާރަތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ. އެކަމަކު އެފަދަ އަމަލުތަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ފެނުމަކީ ގޯހެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ މިހާރު ފެންނަނީ އިދިކޮޅު ފަރާތްތަކުން އުފުލަމުންދާ އަޑުތައް ކަނޑުވާލުމަށްޓަކައި މުޅި ދައުލަތުގެ ނިޒާމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރު ކަމަށެވެ. ރައްޔިތުންނަށް ގާނޫނީގޮތުން ލިބިފައިވާ ރައްކާތެރިކަން ގެއްލިގެންދާއިރު އިދިިކޮޅު ފަރާތްތައް ނައްތާލުމަށް މަސައްކަތްކުރާ ވިސްނުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުން ބޯލަބާ ތިބި މަންޒަރު ފެނިގެންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް