ހަންކެޑެގައި 1،000 އެނދުގެ ރިސޯޓެއް ހަދަން ބަޔަކު ހޯދަނީ
އަވަސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 9:00
އައްޑޫ ސިޓީގެ ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ހަންކެޑެގައި ތަރައްގީކުރާނީ 1،000 އެނދުގެ ރިސޯޓެކެވެ. މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފު ކުރުމަށްވެސް އެދިފައިވެ އެވެ. ޓޫރިޒަމް މިނިސްޓަރު ތޯރިގްު އިބްރާހީމް މީގެކުރިން ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހަންކެޑެ އަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ޑިސެންބަރު 2، 2021ގައި ރައީސް ސޯލިހްގެ ގަރާރަކުން ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދީފައިވާ ރަށެކެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކޮށް ބިންގާ އެޅުމުގެ ރަސްމިއްޔާތެއްވެސް ބޭއްވި އެވެ. މުއިއްޒުގެ ސަރުކާރުގައި މިމަޝްރޫއު އޭރު ހަވާލުކުރީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އަށެވެ. ނަމަވެސް ރައީސް ސޯލިހްގެ ގަރާރަށް ރައީސް މުއިއްޒު ވަނީ ފަހުން ބަދަލު ގެންނަވައި، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހަންކެޑެ، ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި މިއަހަރުގެ ޖޫން 29 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ. އެކަމަކު އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އައްޑޫގެ މެންބަރުންނާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ފަހުން ނިންމަވާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ހަންކެޑެ ވަކިކޮށް ޓޫރިޒަމް މިނިސްޓްރީއާ އެރަށް ހަވާލުކޮށްފަ އެވެ.