މައްސަލަ އުޅޭ އިންޑިއާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެނުކުރޭ

އަވަސް

12 އޮކްޓޯބަރު 2025 | އާދިއްތަ | 4:00

އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރިކަން އެނގުމާއެކު އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުންކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ހުރިކަން އެނގުމާ ގުޅިގެން ބޭސް ބޭނުންކުރުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެލާޓްކޮށްފައިވާ ކަމަށެވެ. އެމްއެފްޑީއޭ އިން ބުނީ އިންޑިއާގައި މައްސަލަ ޖެހިގެން އުޅޭ ތިން ކުންފުންޏަކީ އެ އޮތޯރިޓީން ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަަކެއް ނޫން ކަމަށެވެ. އެހެންވެ އެ ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް ރާއްޖެއަށް އެތެރެކޮށްފައި ނުވާ ކަންވެސް އެމްއެފްޑީއޭ އިން ޔަގީންކޮށްދެ އެވެ. އެކަމަކު އިންޑިއާއަކީ ދިވެހިންގެ ގިނަ ބަޔަކަށް ބޭސްފަރުވާއަށް ގޮސްއުޅޭ ގައުމަކަށްވާތީ ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވުމަށްވެސް އެމްއެފްޑީއޭ އިން އެދިފައިވެ އެވެ. އެމްއެފްޑީއޭ އިން ބުނީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހާއްސަ ގޮތެއްގައި ތުއްތު ކުދިންނަށް ދޭ ބޭހުގައި ފާހަގަކުރެވެމުންދާ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް ކެއްސުމާއި، ރޯގާއަށް ބޭނުންކުރާ ކުޑަކުދިންނަށް ދޭ ދިޔާ ބޭސް އެތެރެކުރާއިރު "ޑައިތެލިން ގްލައިކޯލް" އަދި "އެތިލައިން ގްލައިކޯލް" ކެމިކަލް ނުހިމެނޭކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުންޏެވެ.

މައުޟޫޢުތަށް