ރައީސް މުއިއްޒުގެ ތައުޒިޔާ ގަތަރުގެ އަމީރަށް

އަވަސް

12 އޮކްޓޯބަރު 2025 | އާދިއްތަ | 8:00

މިސްރުގެ ޝަރްމުއްޝައިޚްގައި ހިނގި ކާރު އެކްސިޑެންޓްގައި ޤަތަރު ސަރުކާރުގެ ތިން އޮފިޝަލަކު އަވަހާރަވުމާ ގުޅިގެންނާއި އިތުރު ދެމީހުންނަށް އަނިޔާވުމާ ގުޅިގެން ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލް ޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ނިންމުމަށް މާދަމާ ބާއްވާ ބައިނަލްއަގްވާމީ ސަމިޓަށް ތައްޔާރުވަމުންދާ އަމީރީ ދިވާންގެ އޮފިޝަލުން އަވަހާރަވި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އެކަމާ ވަރަށް ބޮޑަށް ހިތާމަ ފާޅުކުރައްވާފަ އެވެ. ގަތަރު ސަރުކާރާއި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުން ތިބީ، މި ހާދިސާގައި އަވަހާރަވި ބޭފުޅުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައިކަން ހާމަކުރައްވާފަ އެވެ. އަދި އަވަހާރަވި އޮފިޝަލުންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުއާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. ޣައްޒާ ސަމިޓުގެ އެންމެ ބޮޑު ބޭނުމަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް، މުޅި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމާއި ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުމެވެ.

މައުޟޫޢުތަށް