ސްކޫކު ފައިސާ ދެއްކޭނެ، ބަނގުރޫޓެއް ނުވާނެ: ރައީސް

އަވަސް

13 އޮކްޓޯބަރު 2025 | ހޯމަ | 10:45

ރާއްޖެއިން އަންނަ އަހަރު އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރު -- 7.7 ބިލިއަން ރުފިޔާ ދެއްކުމުގައި ކަންބޮޑުވުމެއް މިހާރު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ބިލެތްފަހި ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދީ ހާލަތު ގޯސްކޮށް އޮތް ނަމަވެސް ސަރުކާރުން ރޭވުންތެރިކަމާ އެކު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދިވެހި ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓް ޚަލާސް ކުރުމުގައި މިހާރު ކަންބޮޑުވުމެއް ނެތް ކަމުގައި ވިދާޅުވި އެވެ. "ރާއްޖެ ޑީފޯލްޓް އިރާދަކުރެވިއްޔާ ނުވާނެ. ފުރިހަމައަށް އިރާދަކުރެވިއްޔާ އަޅުގަނޑުމެން މިހުރީ ތަރުތީބުކޮށްފައި. އަޅުގަނޑުމެންގެ ރިޒާވްވެސް އިރާދަކުރެވިއްޔާ ހުރީ ރަނގަޅު ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓް ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު -- 386 މިލިއަން ރުފިޔާ މި ސަރުކާރުން މި މަހު ދެއްކި އެވެ. މި ސްކޫކުގެ އެންމެ ފަހު ކޫޕަނަށްވާ 25 މިލިއަން ޑޮލަރުވެސް ދައްކަންޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ދިވެހި ދައުލަތަށް ބޮޑު ބުރައަކަށްވެފައިވާ 500 މިލިއަން ޑޮލަރަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑަށްވާ ފައިސާ އެއް ފަހަރާ 2021 ވަނަ އަހަރުގެ ތެރޭގައި ދައްކަންޖެހިގެން އެ އަހަރު އެ ފައިސާ ދެއްކުމަށާއި ރައީސް ސޯލިހްގެ ސަރުކާރުން އެކިއެކި ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ސްކޫކުގެ ގޮތުގައި ނެގި 500 މިލިއަން ޑޮލަރެވެ.

މައުޟޫޢުތަށް