ބިލެތްފަހި އެއާޕޯޓް މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފަށައިފި

އަވަސް

13 އޮކްޓޯބަރު 2025 | ހޯމަ | 10:00

ށ. ބިލެތްފަހީގައި ތަރައްގީ ކުރާ އެއާޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމައި، އެއާޕޯޓް ހުޅުވައިދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މިއަދު ބިލެތްފައްސަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ރަށުގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފަ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ފެށި އެވެ. ރައީސް ވިދާޅުވީ ބިލެތްފަޖި އެއާޕޯޓް މަޝްރޫއުގެ ސަބަބުން އެ ރަށާއި ސަރަހައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެންނާނެ ކަމަށާ، މަޑުޖެހުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމުގައި ވިދާޅުވި އެވެ. އެއާޕޯޓް މަޝްރޫއުގެ އިތުރުންވެސް ބިލެތްފަހީގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން ގެންދާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި އެވެ. ބިލެތްފަހީގެ ތަރައްގީއަށް މުހިއްމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއެވެ. މިމަސައްކަތް ކުރިއަށްދާނެކަމުގެ ޔަގޯންކަން ރައީސް ވަނީ ދެއްވާފަ އެވެ. އަދި ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖުކުރުމުގެ މަޝްރޫއަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

ބިލެތްފަހި ބަނދަރުގެ މަޝްރޫއަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރައްވައި ރައީސް ވަނީ ކަމުގެ ހައްސާސް ކަމަށް ބަލައި، ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމުގައި ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ތަރައްގީކުރަން ކަނޑައެޅި ހަތަރު ކުލާސްރޫމަށް އަދަދު އިތުރުކޮށް، 8 ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ސިއްހީ ދާއިރާގެ ތަރައްގީއަށް ބައްލަވާލައްވަމުން ރައީސް ވަނީ ބިލެތްފަހި ސިއްހީ މަރުކަޒުގައި 16 ގަޑިއިރު ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. މުވައްޒަފުންނާއި ވަސީލަތުގެ ގޮތުން ސިއްހީ މަރުކަޒަށް މިހާރުން މިހާރަށްވެސް ބޭނުންވާ އެހީ ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްގީކޮށްދޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް