ރިފްއަތުވެސް އޭސީސީއަށް ހާޒިރުކުރަނީ
އަވަސް
13 އޮކްޓޯބަރު 2025 | ހޯމަ | 7:00
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބަންޑާރަނައިބަކަށް ހުންނެވި އިބްރާހިމް ރިފްއަތުވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުވާން އަންގައިފި އެވެ.
މިކަން ހާމަކުރެއްވީވެސް ރައީސް ސޯލިހް ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ސޯލިހް ވިދާޅުވީ ރިފްއަތުވެސް އެސީސީގެ ތަހުގީގަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އޭސީސީގެ އެންގުމަކީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށްވެސް ރައީސް ސޯލިހް ތުހުމަތު ކުރެއްވި އެވެ. "ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އިސްމާއީލްވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފައިވެ އެވެ. މީގެއިތުރުން ރައީސް ސޯލިހްގެ ވެރިކަމުގައި އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އައިޝަތު އަލީވެސް އޭސީސީއަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.