ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަނީ
އަވަސް
14 އޮކްޓޯބަރު 2025 | އަންގާރަ | 5:28
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަހު ރަސްމީކޮށް ހުޅުވުމަށްވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެ އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް (ބާ ޓާމިނަލް ގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ބަދަލު ގެންނަން ހަމަޖެހިފައިވަނީ އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލްއާއި އެތަނާއި އިންވެގެންވާ އިމާރާތްތަކާއި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނައިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފަ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.