ކޮމަންޑޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި
އަވަސް
14 އޮކްޓޯބަރު 2025 | އަންގާރަ | 10:24
ށ. ކޮމަންޑޫގައި އެއާޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ކޮމަންޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތާއި އެއާޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލް އަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.
ކޮމަންޑޫގައި އެއާޕޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ށ. އަތޮޅުގައި ފުނަދޫގައި މިހާރުވެސް އެއާޕޯޓެއް ހިންގަމުންދެ އެވެ. އަދި ބިލެތްފަހީގައިވެސް އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަކީވެސް ސަރުކާރުގެ ވައުދެކެވެ.