ބިން ހިއްކުން އަވަސްކުރަން އިތުރު ޑްރެޖަރު ގެންނަނީ

އަވަސް

15 އޮކްޓޯބަރު 2025 | ބުދަ | 9:37

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް އިތުރު ޑްރެޖަރުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ މި އަހަރުގެ ތެރޭގައި ތިން ޑްރެޖަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން ކޮމަންޑޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމުގެ ޔަގީންކަން ދެއްވާ ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެރޮނގުން ކުރިއަރާފައިވާ އެންމެ ފެންވަރު ރަނގަޅު ބޭރުގެ ދެ ކުންފުންޏަކާ އެކުވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި 11،000 ޓަނުގެ ޑްރެޖަރެއް މި މަސް ނިމޭއިރު ރާއްޖެ ގެނެވޭނެ އެވެ. ބިން ހިއްކުން އަވަސް ކުރުމުގެ ގޮތުން ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 40،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމަށާއި އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ތިން ވަނަ ޑްރެޖަރު ޑިސެމްބަރު މަސް ތެރޭގައި ގެނެސް ހއ. ދިއްދޫގެ ޕްރޮޖެކްޓް 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ށ. ކޮމަންޑޫ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް