ސިނގިރޭޓްގެ ބޮޑު ވައްކަން: އެމްޕީއެލްގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި

އަވަސް

15 އޮކްޓޯބަރު 2025 | ބުދަ | 12:29

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލައިގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ. އެމްޕީއެލް އިން ބުނީ އެ މައްސަލަ ފާހަގަވި ވަގުތުން ފެށިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެ ތަހުގީގުން ހޯދި މައުލޫމާތަށް ރިއާޔަތްކޮށް މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެމްޕީއެލްގެ ފަސް މުވައްޒަފަކު އަދި މިއަދު އިތުރ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ. އަދި ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރަމުން ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ ކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް ކަމަށާއި މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. ސިނގިރޭޓްތައް ގެއްލުނު މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހައްޔަރުކުރި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްވެސް ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.

މައުޟޫޢުތަށް