ސިނގިރޭޓް ގެއްލުމުން އެމްޕީއެލްގެ ސެކިއުރިޓީ ހަރުދަނާކުރަން ފަށައިފި
އަވަސް
15 އޮކްޓޯބަރު 2025 | ބުދަ | 12:41
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސެކިއުރިޓީ ހަރުދަނާކުރަން ފަށައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ. އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި މި ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށެވެ. ސިނގިރޭޓްތައް ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ. "އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފަ،" އެމްޕީއެލުން ބުންޏެވެ. އެމްޕީއެލުން ބުނީ ކަސްޓަމްސް އިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުއައްސަސާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ބަދަލުތަކާއެކު ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް އެމްޕީއެލުން ބުނެފައިވެ އެވެ. މީގެ އިތުުރުން އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ފަށާފައިވާ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ. އެމްޕީއެލުން ބުނީ މި މައްސަލައިގައި އެ ކުންފުނިން މައުލޫމާތު ހާމަކުރަމުން ދަނީ ފުލުހުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށާއި ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މިކަމާ ގުޅޭ މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ބުނެފައިވެ އެވެ.