ދަނޑުވެރިކަން ފުޅާކޮށް ފުޑް ސެކިއުރިޓީ ގާއިމްކުރުމުގެ އުންމީދު އެބައޮތް: ރައީސް
އަވަސް
15 އޮކްޓޯބަރު 2025 | ބުދަ | 6:47
ގައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކޮށް ފުޑް ސެކިއުރިޓީ ގާއިމްކުރުމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގައުމަށް ފުދޭ ވަރަށް ފުޑް ސެކިޔުރިޓީ ގާއިމު ކުރެވޭ ވަރަށް ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސްގެ ޕޯސްޓްގައި ވަނީ ދަނޑުވެރީންގެ ދުވަހުގެ ހެޔޮ އެދުންތައް މި ސިނާއަތް ކުރިއަރުވާ ފުޅާކުރަން ހީވާގިކަމާއެކު މަސައްކަތްކުރާ އެންމެންނަށް އަރިސްކުރައްވާފަ އެވެ. ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ފޮނުއްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓްގައި ސާޖިދާ ވިދާޅުވީ ގަސްގަހާގެހިން ލިބޭ އުފެއްދުންތަކުގެ ހަގީގީ މަންފާ ސިއްހަތަށް ލިބޭނީ، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ގާއިމު ކުރެވިގެން ކަމަށެވެ. ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި އުފައްދާ ގައުމުގައި ފުޑް ސެކިއުރިޓީ ގާއިމްކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ. އެގޮތުން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމާއި، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކޮށް، ސިނާޢަތް ފުޅާކޮށްގެން އިޤުތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގަ އެވެ.