ސިނގިރެޓް ކޮންޓެއިނާ މައްސަލަ: ހަތަރު މީހުންވެސް ބަންދަށް
އަވަސް
15 އޮކްޓޯބަރު 2025 | ބުދަ | 6:05
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންވެސް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި މައްސަލަގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލޮޓަސްގެ ވެރިޔާ، ކ. މާލެ، މއ. އެވާގްލޯރީ، އަހުމަދު އާރިފް (އާއްޓޭ) 61އ އާއި އެޕޯލޯގެ ވެރިޔާ، ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު (ދިގަލި) 65އ ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ (48އ) އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލް (40އ) އެވެ. އެ މީހުންގެ ތެރެއިން އަހުމަދު އާރިފް އާއި ޒިވާރުގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު މުހައްމަދު ވަހީދުގެ ބަންދަށް 10 ދުވަސް އަދި މުއާޒް އަލީގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު ސަސްޕެންޑްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ ބައެއް މުވައްޒަފުންވެސް ސަސްޕެންޑްކޮށްފަ އެވެ.