އާ މަޝްރޫއުތަކަށް ތިން ބިލިއަންގެ ބަޖެޓެއް
އަވަސް
15 އޮކްޓޯބަރު 2025 | ބުދަ | 11:00
އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމަނާނެ ކަމަށާއި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. ފުނަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް އަދި 500 މިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް އެކަށައަޅުއްވާނެ ކަމަށެވެ. "އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށް. މި ދެ ދާއިރާގެ ތަރައްގީ ކަށަވަރުކުރުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެ އާ މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނަނާން،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވާހަކަފުޅުގައި ވަނީ ތައުލީމީ ދާއިރާގައި ހާއްސަ ސަމާލުކަމެއް ދޭނެ ދެ ކަމެއް ފާހަގަކުރައްވާފަ އެވެ. އެއީ އިންކްލޫސިވް އެޑިޔުކޭޝަނާއި މަތީ ސާނަވީ ތައުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގާއިމުކުރުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިޔުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދަވާނޭ ކަމުގައިވެސް ވިދާޅުވި އެވެ. "އަދި ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުސަތު ފަހިކޮށްދީ އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ގާއިމުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސާޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން މާލެ އާއި ސަރަޙައްދީ ހޮސްޕިޓަލްތަކާއި، ވަކި ވަކި ރަށްތަކެއްގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއާ އަށް ސަމާލުކަން ދީގެން ކަމުގައިވެސް ވިދާޅުވި އެވެ.