ނިޔާވި މީހާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

އަވަސް

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:12

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ރޭ ހިނގި ހާދިސާގައި ނިޔާވި މީހާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން (38އ) އެވެ. ޝިފާންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކޮޅުވެއްޓިއެއް ބަންޑުންޖެހުމުގެ ހިތާމަވެރި ހާދިސާއެއްގައި އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މި ހާދިސާގައި ދެ މީހަކު ގެއްލިފައިވާއިރު އެ މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުން އެދި ދުއާކުރައްވާ ކަމަށް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ. އަދި ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާއްމު ޙާލަތަކަށް އައުމަށް އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ރައީސް ވިދާޅުވީ ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާޢްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ ކަމަށެވެ. ރައީސްގެ ޕޯސްޓްގައި ވަނީ މޫސުން ގޯސް ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރުކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

މައުޟޫޢުތަށް