ކައިރި ކައިރީގައި އެއާޕޯޓް އެޅުން ގޯސް: ނަޝީދު
އަވަސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:14
ކައިރި ކައިރީގައި ހުންނަ ރަށްރަށުގައި އެއާޕޯޓް އަޅާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކައިރި ކައިރީގައި ހުންނަ ރަށްރަށުގައި އެއާޕޯޓް އެޅުމަކީ އިގުތިސާދީ އަދި މާލީ ގޮތުންވެސް ޖެހޭ ކަމެއް ނޫން ކަމަށެވެ. "އުތުރުގައި އިތުރު ހަތަރު އެއާޕޯޓް އޮއްވާ، އިތުރު ހަތަރު އެއާޕޯޓް މި އަޅަނީ 19-36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި. ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސާދީ/މާލީ ދެކޮޅު ޖެހުމެއް ނެތުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. މިކަމުން ގައުމީ އެއާލައިނަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިނގާނެ ކަމަށާއި ލޯކަލް ޓުރިޒަމަށްވެސް ކުރަންވީ މަންފާ ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ސްޕީޑް ބޯޓެއްގައި ދެވޭހާ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގައި އަމާޒާއި ޕްލޭން ނެތްކަމާޢި ޒިންމާދާރުކަން ކުޑަކަން،" ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ބައެއް އެއާޕޯޓްތަކުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް ބައެއް މަޝްރޫއުތަކަށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އެ ގޮތުން ށ. ކޮމަންޑޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު ށ. ބިލެތްފަހީ އެއާޕޯޓް މަޝްރޫއުގެ އެއްބަސްވުމުގައި މި މަހު ވަނީ ސޮއިކޮށްފަ އެވެ. ހދ. މަކުނުދޫގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާއިރު ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.