ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖު ވިސާ ދޫނުކުރަން ނިންމައިފި
އަވަސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:40
ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަ އަހަރު ހައްޖު ވިސާ ދޫނުކުރަން ސައުދި އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.
ސައުދި އަރަބިއްޔާގެ ހައްޖު އަދި އުމުރާއާ ބެހޭ މިނިސްޓްރީގެ ނިންމުމުގައިވާ ގޮތުން ހިތުގެ ބައްޔާއި ކިޑްނީ ބައްޔާއި ނާރުގެ ބަލިތަކާއި ކެންސަރު ބައްޔާއި ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލި އަދި މާބަނޑު މީހުން ހައްޖަށް ދިއުމަށް އަންނަ އަހަރު ވިސާ ދޫނުކުރާނެ އެވެ. މިފަދަ ފިޔަވަޅެއް އެޅީ ހުރިހާ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ. ސައުދީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އަމަލުކުރަން އެ ގައުމުން އަންގާފައިވާކަން ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ސައުދީ ސަރުކާރުގެ އެންގުމާ އެއްގޮތަށް އަމަލުކުރަން ހުރިހާ ގައުމަކަށްވެސް މަޖުބޫރު ވާނެ ކަމަށެވެ. އެހެންވެ އަންނަ އަހަރު ހައްޖަށް ގެންދެވޭނެ ބައެއް މީހުންނަށް ހައްޖު ވިސާ ލިބޭކަން ޔަގީންވާނީ ދުރާލާ ހަދަންޖެހޭ މެޑިކަލް ޓެސްތްތައް ހަދައި ހުށަހެޅުމުން އެ ޓެސްޓްތައް ސައުދީ ސަރުކާރަށް ފޮނުވުމުން އެ ގައުމުން ހުއްދަ ދިނުމުން ކަމަށްވެސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ބާރު ނުހިނގާ ކަމެއް މިހާރު މިއައީ. އެކަމަކު ބައްޔެއް އަދި ހުރި ނަމަވެސް ވިސާ އިޝޫ ނުކުރާނެއެކޭ ނޫން. އޭގެ ބޮޑު ކުޑަމިނަށް ބައްލަވާނެ އެބޭފުޅުންވެސް،" ޝަކީލް ވިދާޅުވި އެވެ. ޝަކީލް އިތުރަށް ވިދާޅުވީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހަކަށް ސައުދީ ސަރުކާރުން ހައްޖު ވިސާ ނުދީފިނަމަ އެ މީހާގެ ފުރުސަތު އެ މީހާ ބޭނުންވާ އެހެން މީހަކަށް ހަމަޖައްސައިދެވޭނެ ކަމަށެވެ. ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް މިފަހަކަށް އައިސް ހައްޖު ކޯޓާގެ ގޮތުގައި ދެނީ 1،000 ކޯޓާ އެވެ.