ތަރައްގީގެ މަޝްރޫއުތައް ފަސްކުރަންޖެހޭ: ނަޝީދު
އަވަސް
17 އޮކްޓޯބަރު 2025 | ހުކުރު | 10:00
ތަރައްގީގެ ނަމުގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހަތަރު ފަސް އަހަރަށް ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވެސް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށެވެ. "ދެން ވެރިކަމަށް އަންނަ ރައީސެއްވެސް ވައުދުވާންވީ މަޑުޖެހިލަން. ކޮންކްރީޓަކީ ތަރައްގީއެެއް ނޫން. އެއީ ގިނަ ފަހަރަށް ދަރަނި،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރުވެގެން ދާނީވެސް ބަޖެޓް ސާޕްލަސް އާއި ރިޒާވް އިތުރު ކުރެވި ދަރަނި ކުޑަކުރެވިގެން ކަމަށެވެ. "ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް. ވާން މިދާ ގޮތް އަޅުގަނޑު މި ދައްކާ ވާހަކަ ދިވެހިންނަށް ސާފު ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ ދަރަނި ދެއްކޭނެ ކަމުގެ ޝައްކުތައް ހުރުމާ ގުޅިގެން ރާއްޖޭގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށްވެސް ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ދަނީ ސަރުކާރަށް ލަފާ ދެމުންނެވެ.