ކައުންސިލް އިންތިހާބު މާޗް 28ގައި
އަވަސް
19 އޮކްޓޯބަރު 2025 | އާދިއްތަ | 9:20
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު މާޗް 28 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މާޗް 28 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ޖެނުއަރީ 17 ވަނަ ދުވަހު ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިފަހަރުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށާއި އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ އިންތިހާބަށް ރަށްތަކާއި، ސިޓީތަކުގައި މި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ މައުލޫމާތު އާންމުކޮށްފަ އެވެ.