ޕީއެންއެފްގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

އަވަސް

19 އޮކްޓޯބަރު 2025 | އާދިއްތަ | 10:22

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޕީއެންއެފުން ކުރި އިއުލާނުގައި ވަނީ އެ ޕާޓީގެ ރައީސް، ދެ ނައިބު ރައީސުން، ސެކްރެޓަރީ ޖެނެރަލް، ރަޖިސްޓްރާ، ހަޒާންދާރު އަދި 14 ސެންޓް މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާފަ އެވެ. ޕީއެންއެފުން ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން ވެސް އެ ދުވަހު އޮންނާނެ ކަމަށް ޕީއެންއެފުން ވަނީ ބުނެފަ އެވެ. ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރަން ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީންގެ ނަމުގައެވެ. ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެ ޕާޓީގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 3،046 މީހުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހާމަކޮށްފަ އެވެ.

މައުޟޫޢުތަށް