އަރައުހޯގެ ލަނޑުން ބާސެލޯނާ ލަލީގާގެ އެއްވަނައަށް

އަވަސް

19 އޮކްޓޯބަރު 2025 | އާދިއްތަ | 9:00

ސްޕެއިންގެ ފުޓްބޯޅަ ލީގު -- ލަލީގާގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ގިރޯނާ އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެ، ލީގުގެ އެއްވަނަ މަގާމަށް ބާސާ އަރައިފި އެވެ.

ބާސެލޯނާއަށް މި މެޗު ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި އެ ޓީމުގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ޖެހި ހިތްގައިމު ލަނޑުންނެވެ. މެޗު ކުޅެފައިވަނީ ބާސެލޯނާގެ އެސްޓާޑީ އޮލިމްޕިކް ލުއިސް ކޮމްޕެނީސްގަ އެވެ. މެޗުގެ ލީޑު ނަގައިދިނީ ބާސެލޯނާއަށް ޕެޑްރީ އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި، އެރިއާގެ ބޭރުން ފޮނުވާލި ތިރި ޝޮޓެއް ދަނޑީގައި ޖެހި، ގޯލުގެ ތެރެއަށް ވަދެގެން ގޮސް ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މި ލީޑު މާގިނައިރު ބާސެލޯނާއަށް ދަމަހައްޓާލެވޭ ގޮތެއްނުވިއެވެ. ގިރޯނާއިން ވަނީ މާގިނަ ވަގުތުތަކެއް ނުވެ ނަތީޖާ އެއްވަރުކޮށްފައެވެ. އެއީ އެކްސެލް ވިޓްސެލް ކޯނަރަކުން ޖެހި ލަނޑަކުންނެވެ. ދެވަނަ ހާފުގައި ބާސެލޯނާއަށް ލީޑު އަލުން ހޯދަން ގިނަ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މި ފުރުސަތުތައް ތަނަވަސްކުރުމުގައި މެންޗެސްޓާ ޔުނައިޓެޑުން ލޯނުގައި ގެނެސްފައިވާ މާކަސް ރަޝްފޯޑް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ރަޝްފޯޑް ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހުނުއިރު، ދެވަނަ ހާފުގައި ލިބުނު ރަނގަޅު ފުރުސަތެއްވެސް އޭނާއަށް ގޯލަކަށް ބަދަލުކުރެވޭ ގޮތެއްނުވިއެވެ. މެޗުގެ ނަތީޖާ އެއްވަރުވެފައި އޮއްވާ، އިތުރު ވަގުތުގެ ގޮތުގައި 8 މިނިޓު ދިނުމުން، ބާސެލޯނާގެ މެނޭޖަރު ހަންސީ ފްލިކް އޭނާގެ ހިތްހަމަ ނުޖެހުން ފާޅުކުރުމާ ގުޅިގެން ރަތް ކާޑެއް ދައްކައި މެޗުން ބޭރުކުރިއެވެ. މި ހާދިސާއަށްފަހު މެޗުގެ 92 ވަނަ މިނެޓުގައި އަރައުހޯ އަށް ފޯވަޑެއްގެ ގޮތުގައި ދަނޑަށް އެރުވުނެވެ. އަދި އޭނާ ވަނީ ފްރެންކީ ޑީ ޔޮންގް ދިން ބޯޅައެއް ފުރިހަމައަށް ގޯލުގެ ތެރެއަށް ވައްދާލައި، ބާސެލޯނާއަށް ލީގުގެ އެއްވަނަ މަގާމަށް އަރަން ބޭނުންވާ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި މޮޅާއެކު ބާސެލޯނާ ވަނީ ލަލީގާގެ ތާވަލުގެ އެއްވަނަ މަގާމަށް އަރާ، ލީގު ތަށި ހޯދުމުގެ އުންމީދު އާ ކޮށްފަ އެވެ.

މައުޟޫޢުތަށް