ދިވެހިންނާ ކައިވެނިކުރާ ބިދޭސީންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ގަރާރެއް

އަވަސް

19 އޮކްޓޯބަރު 2025 | އާދިއްތަ | 8:14

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް އާސަންދައިގެ ހިދުމަތް ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށްޓަކައި މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވަން ވަނީ އެޖެންޑާކޮށްފަ އެވެ. މެންބަރު ހުށަހެޅުއްވި ގަރާރު ބުނީ ދިވެހިންގެ ތެރެއިން އާބަދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު ބިދޭސީންނާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެމުންދާ ކަމަށާއި އެމީހުންނަށް ދަރިން ލިބި އެ ދަރިން ރާއްޖޭގައި ބޮޑެތިވެ އަދި އެ ދަރިންނަށް ދަރިން ލިބި އެމީހުންގެ މުޅި ހަޔާތް ވޭތުކުރަމުންދަނީ ރާއްޖޭގައި ކަމަށެވެ. އާސަންދައިގެ ހިދުމަތް މި ވަގުތު ލިބެނީ ހަމައެކަނި ދިވެހި ރައްޔިތުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް އެކަނި ކަމަށްވާއިރު ގާނޫނުއަސާސީގައި ދިވެހި ރައްޔިތުންކަން މާނަކުރާ ގޮތްތައް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ގަރާރުގައި ބުނީ ބިދޭސީއަކު ދިވެހި ރައްޔިތަކަށްވުމަށް އޮންނަ ހަމައެކަނި ގޮތަކީ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަމަށާއި އެ ގާނޫނަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިންނާ ކައިވެެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ދިވެހި ރައްޔިތުކަން ހޯދުމަށް ބޭނުންވާ އެތައް ބަޔަށް އެ ފުރުސަތު ހޯދިފައިނުވާ ކަމަށެވެ. ދިވެހިންނާ ކައިވެެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރޭގައި ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަންޖެހޭ މީހުން ތިބިކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މައުޟޫޢުތަށް