އައްޑޫ ސިޓީ ބައިބައި ކުރުމުން ލިބޭނެ އިތުރު ފައިދާއެއް ނެތް: ނަޝީދު
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 1:16
އައްޑޫ ސިޓީ ބައިބައި ކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވަނީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށެވެ. "އަޅުގަނޑަށް ފެންނަ ގޮތުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި ޑޮކްޓަރުންނާއި ޓީޗަރުން އަދި އެނޫންވެސް ފަންނީ މީހުން އެބަތިބި ކަމަށެވެ. އަދި އައްޑޫ އަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ ހިޔާލު ހޯދުމުގެ ވޯޓެއް މިމަހުގެ 25 ވަނަ ދުވަހު ނަގަން ތައްޔާރުވެފައި ވަނިކޮށެވެ.