ލ. މާވަށު ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރަނީ
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 2:09
ލ. މާވަށު ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރަށްވުރެ ފުރިހަމަކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު ހަތަރު އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭ ގޮތަށް ތަރައްގީކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރުމަކީ އަމާޒެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މާވަށަށް ހާއްސަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސައިދޭނެ ކަމަށެވެ. މާވަށުގައި 15 ހެކްޓަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރައްވާ ވައުދުވެ ވަޑައިގެންފައިވާ ގޮތަށް އިތުރު 15 ހެކްޓަރުގެ ބިމާއެކު، ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ. ބިން ހިއްކާ ނިމުމުން ރަށުގައި ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ ހައުސިންގް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް އެ ސަރަޙައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. މާވަށުގައި މިއަދު ވަނީ ކުޅިވަރާއި، ތައުލީމާއި، މަސްވެރިކަމާއި، މަގުހެދުން ފަދަ އުމުރާނީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ މުހިއްމު 11 މަޝްރޫއެއްގެ ތެރެއިން 8 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި ތިން މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް މި މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.