ލ. އަތޮޅު އެއާޕޯޓްގެ ވައުދު ފުއްދާނަން: ރައީސް
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 2:37
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓް އެޅުމުގެ ވައުދު ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ވެވަޑައިގެންނެވި ކޮންމެ ވައުދެއް ފުއްދަވާނެ ކަމަށާއި ވައުދު ވަނީ ވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ. ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް ތަރައްގީކުރާނީ އެކަމަށް އެންމެ އެކަށީގެންވާ ސަރަހައްދުގައި ކަމަށް ރައީސް ވިދާޅުވި އެވެ. "މިއަދު އަޅުގަނޑު ދޭނެ ހަމައެކަނި ޔަގީންކަމަކީ އެއީ ވަރަށް މުހިންމު ޔަގީންކަމެއް. މި އަތޮޅަށް ދެން އަންނަޖެހޭ އެއާޕޯޓް އަންނަން ޖެހޭނީ ދުރު ރާސްތާއަށްވެސް ވިސްނާއިރު އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުވާނެ ގޮތަކަށޭ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއާޕޯޓް އަޅަންޖެހޭނީ ޓޫރިޒަމް ކުރިއެރުވުމަށް ގިނަ ރިސޯޓްތަކެއް ތަރައްގީ ކުރެވެން އޮތް ސަރަހައްދެއްގައި ކަމަށެވެ. އެއާޕޯޓް ތަރައްގީ ކުރާނީ ދަތުރުފަތުރުގެ ގޮތުންވެސް އެކަށީގެންވާ ސަރަހައްދުގައި ކަމަށާއި އެކަމުގައި ލަސްތަކެއް ނުވެ ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.