ސެންޓާ އެންޓަޕްރައިސަސްގެ މައްސަލަ ޕޮލިހަށް
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 8:00
ސެންޓާ އެންޓަޕްރައިސަސް އިން މަކަރާއި ހީލަތް ހަދައިގެން ދައުލަތުން ފައިސާތަކެއް ހޯދަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުުހުންނަށް ހުށަހަޅައިފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި "ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ހާއްސަ އޮޑިޓްގެ ރިޕޯޓް"ގައި ސެންޓަ އެންޓަޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްއަށް ބުރަވެވޭކަން ފާހަގަކޮށްފައިވާ ކަމަށެވެ. ސެންޓަ އެންޓަޕްރައިސަސްއިން އެގޮތަށް އަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ ކަމަށްވެސް ބަންޑާރަނައިބު އޮފީހުން ބުންޏެވެ. އެހެންވެ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ. ބަންޑާރަނައިބުގެ އޮފީހުން ބުނީ ސެންޓާ އެންޓަޕްރައިސަސް އިން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ދިވެހި ދައުލަތާ ދެކޮޅަށް ޖުމްލަ ހަތަރު ދައުވާއެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ހަތަރު ދައުވާގައި ސެންޓަ އެންޓަޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަމާމެދު އަދި ބައެއް މުއާމަލާތްތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭތީ އެ މައްސަލަތައް ސެޕްޓެންބަރު 4، 2022 ގައި އަދި އޭގެ ފަހުންވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި ހަމަ އެ ތާރީހުގައި އެ މައްސަލަތައް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ. ހެލްތު މިނިސްޓްރީއަށް 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ސަޕްލައިކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނާ 79 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސްއިން 2022 ވަނަ އަހަރު ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ އެއް މައްސަލަ ސިވިލް ކޯޓުގައި ހުކުމަކާ ހަމައިގައި އޮތްއިރު ދެ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުން ހުކުމް ކުރުމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވެ އެވެ. އަދި އެއް މައްސަލައެއް ދައުލަތާ ދެކޮޅަށް ސިވިލް ކޯޓާއި ހައިކޯޓުން ހުކުމް ކުރުމުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.