ވަކި ކައުންސިލް ހަދާނަމަ ބަޖެޓާއި ބްލޮކް ގްރާންޓް ދޭނަން: ރައީސް
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 10:20
އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ކައުންސިލްތަކެއް ހެދުމަށް އެ ރަށްރަށުގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ އެ ރަށްރަށުގައި ވަކި ކައުންސިލްތައް ހަދައިދީ ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް އެ ތިން ރަށަށްވެސް ލިބޭނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް، މި މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީގެ ހުޅުދޫއާއި، މީދޫ އަދި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ރައީސް މުއިއްޒު މީގެކުރިންވެސް ވިދާޅުވި ގޮތަށް އެމަނިކުފާނު މިރޭވެސް ވިދާޅުވީ އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތައް ހެދުމާ މެދު ނަގާ ވޯޓުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ވަކި ނަތީޖާއެއް އަދި ވަކި ނިންމުމެއްވެސް ނެތް ކަމަށެވެ. ލ. ފޮނަދޫގައި އެ ރަށު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އައްޑޫ ސިޓީގެ ހުޅުދޫއާއި، މީދޫ އަދި ފޭދޫ ރައްޔިތުންގެ ފަރާތުން، ވަކި ކައުންސިލްތައް ހެދުމުގެ މައްސަލައިގައި ހައްލެއް ހޯދައިދިނުމަށް އެމަނިކުފާނު އަރިހުގައި އެދުނު ކަމަށެވެ. އެހެންވެ އެކަން ހައްލުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އައްޑޫގައި ނަގާ ވޯޓަކީ ގާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމުގައިވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އައްޑޫގައި ނަގާ ވޯޓާ ގުޅުވައިގެން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. ވަކި ކައުންސިލްތަކެއް ހަދަން އައްޑޫ ސިޓީގެ ހުޅުދޫއާއި، މީދޫ އަދި ފޭދޫ ރައްޔިތުން ނިންމައިފިނަމަ ވަކި ކައުންސިލްގެ ހުރިހާ ހައިސިއްޔަތެއް އެ ކައުންސިލުތަކަށްވެސް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލްތައް ހަދަން ރައްޔިތުން ނިންމައިފިނަމަ ވަކި ބަޖެޓު ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިހާރު އާބާދީއާއި އެހެނިހެން ގޮތްގޮތުން ބަލާއިރު، ބްލޮކް ގްރާންޓް ދޫކުރުމަށް ނިންމާފައިވާ ގޮތުން ފޭދޫ ކައުންސިލަށް އަހަރަކު ބްލޮކް ގްރާންޓްގެ ގޮތުގައި 25 ވަރަކަށް މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން އަދި މީދޫ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަޑަކަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އައްޑޫ ސިޓީގެ ހުޅުދޫއާއި، މީދޫ އަދި ފޭދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުން، އެ ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލްތައް އުފައްދަން ނުވަތަ އެނޫން އެހެން ގޮތަކަށް ނިންމިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގައި ރައީސް ވިދާޅުވި އެވެ.