އެންމެ ކާމިޔާބީ މުއިއްޒުގެ ވެރިކަން: އަބްދުއްރަހީމް

އަވަސް

20 އޮކްޓޯބަރު 2025 | ހޯމަ | 10:00

މިހާތަނަށް ރާއްޖެ ދެކެފައިވާ އެންމެ ކާމިޔާބު ވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމުގެ އުފަން ރަށް -- ލ. ފޮނަދޫގައި ރައީސް ޑރ. މުއިއްޒުއާ އެކު މިރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ބޮޑެތި ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ފޮނަދޫގައި މީގެކުރިން ފެށިގެން ގޮސްފައި ނުވާ ކަމަށެވެ. "މި ސަރުކާރަށް ދެ އަހަރު ފުރެންދާއިރު ތަރައްގީގެ މަޝްރޫއުތައް މިހުރީ މެކުހަށް ޖަހާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މަޝްރޫއުތައް ލަސްވުމަކީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އޮތް ކަމެއް ނޫން ކަމަށެވެ. އެއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު ރައްޔިތުންނަށް ވަޒަންކުރެވޭތީ ކަމަށްވެސް ވިދާޅުވި އެވެ. ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވެ، މި ވެރިކަން ނިމެނޭ ކަމަށް އަތްޖަހަން ތައްޔާރަށް ކަމަށާއި އެކަމަކު ރައީސް މުއިއްޒު ގެންދަވަނީ ކަމަކަށްފަހު ކަމަކަށް އިސްކަންދީގެން ކަންކަން ތަރުތީބު ކުރައްވަމުން ކަމަށްވެސް ވިދާޅުވި އެވެ. "ހަމަގައިމުވެސް ދެ އަހަރުގެ ތެރޭގައި މިހާ ގިނަ ތަރައްގީގެ މަޝްރޫއު ފެށި ސަރުކާރެއް މިހާތަނަށް ރާއްޖޭގެ ތާރީހު ދެކެފައެއް ނެތް،" އަބްދުލްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިސަރުކާރަށް އިތުރު ކާމިޔާބީތައް ހޯދޭނީ ހުރިހާ ރައްޔިތުންވެސް ރައީސްގެ ސިޔާސަތުތަކާއި އެއްގޮތަށް އެމަނިކުފާނާ އެކީ ތިބެގެން އެއްބާރުލުން ދީގެން ކަމަށެވެ. ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ކަމެއް ކަމަށްވާތީ ރައްޔިތުން ބޭނުންވާ މަންޒިލަށް ކަންކަން ގެންދެވޭނީ ރައްޔިތުން އެކަމެއް ގެންދިޔުމުން ކަމަށާއި އެއީ ރައްޔިތުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މައުޟޫޢުތަށް