ހުށަހެޅި އަގު ބޮޑުވުމުން ޕަންޕު ހޯދަން އަލުން އިއުލާނުކޮށްފި
އަވަސް
21 އޮކްޓޯބަރު 2025 | އަންގާރަ | 9:39
މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މާލޭ ސިޓީ ކައުންސިލުން ޕަންޕު ހޯދަން ކުރި އިއުލާނަށް ހުށަހެޅި އަގުތައް ބޮޑުވުމުން ޕަންޕު ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ދެ ގްލޯބަލް ޕަންޕު ހޯދަން މާލޭ ސިޓީ ކައުންސިލުން މި އަހަރުގެ ޖުލައި މަހު އިއުލާނުކުރި އެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބުނީ އެ އިއުލާނާ ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އަގު ބޮޑުވުމުން އެ އިއުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލުން ހޯދަނީ މިނެޓަކު 11،300 ލީޓަރުގެ ފެން ބޭރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ޕަންޕެކެވެ. މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުން އަންނަ ބުރާސްފަތި ދުވަހު އޮންނައިރު މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް އަގު ހުށަހަޅަން ޖެހެ އެވެ. މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓަނަންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފަ އެވެ. އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނު ކޮޅުގަ އެވެ.