ފީފާގެ ރައީސް އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އަވަސް

21 އޮކްޓޯބަރު 2025 | އަންގާރަ | 11:00

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އިސް އިދާރާ -- ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންފަންޓީނޯގެ މި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެކެވެ. ނަމަވެސް މި ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ އިސްވެރިންނާއި، ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އަދި ދިވެހި ފުޓްބޯޅަ ކްލަބްތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މި ބައްދަލުކުރެއްވުންތަކުގެ މައިގަނޑު މަގުސަދަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ހިތްވަރު ދިނުމާއި، މި ދާއިރާގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުން ކަމަށް ބެލެވެ އެވެ. އިންފަންޓީނޯ އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރައްވާފައިވާ މެސެޖެއްގައި ވަނީ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅު މަގުން ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތަށް ތައުރީފުކޮށް، ހިތްވަރު ދެއްވާފަ އެވެ. އޭނާ ވަނީ މިފަހަކަށް އައިސް އޭޝިއާގެ ގިނަ ގައުމުތަކަށް ޒިޔާރަތްކުރައްވަމުން ގެންދަވާފަ އެވެ. ފީފާގެ ރައީސަކު ރާއްޖެއަށް ފުރަތަމަ ފަހަރަށް ދަތުރުފުޅު ކުރެއްވީ 2006 ވަނަ އަހަރު އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ. އިންފަންޓީނޯ އަކީ ފީފާގެ ރައީސްގެ މަގާމު މިހާރު ތިންވަނަ ދައުރަށް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ މި މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2015 ވަނަ އަހަރު ފީފާގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، ސެޕް ބްލެޓާ އިސްތިއުފާ ދެއްވުމަށްފަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭރު އޭނާ ހުންނެވީ ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައެވެ.

މައުޟޫޢުތަށް