އެކަނިވެރިމައިންގެ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމައިފި

އަވަސް

21 އޮކްޓޯބަރު 2025 | އަންގާރަ | 11:30

އެކަނިވެރިމައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާންކުރެއްވީ މިރޭ ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެކަނިވެރިމައިންނަށް މިހާރު ދެނީ ކޮންމެ މަހަކު 2،000 ރުފިޔާ އެވެ. ރައީސް މިރޭ ވިދާޅުވީ އެކަނިވެރިމައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ނިންމާފައިވާތީ އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ. "އެކަނިވެރިމައިންގެ އެލަވަންސް މިހާރު ދޭ އަދަދަށްވުރެ ބޮޑުކޮށްދީ.ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށްދޭނެކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެ ވައުދު ފުއްދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިން،" ރައީސް ވިދާޅުވި އެވެ. އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން މިހާރު ދެވޭ އަދަދަކީ 10،000 ރުފިޔާއެވެ. އަދި ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާ އެވެ.

މައުޟޫޢުތަށް